އެމްޕީއެލްގެ މުވައްޒަފުން ހިމެނޭ ގޮތަށް އެކްސްކަވޭޓަރު ބާލަން އުޅުނު އެއްވެސް މީހަކު ލައިފްޖެކެޓެއް ނާޅާ
އަދަދު
3 ނޮވެމްބަރު 2025 | ހޯމަ | 1:27
މުދާ އުފުލާ ބޯޓަކުން ކޮޅުވެއްޓިއަކަށް ދެ އެކްސްކެވޭޓަރު ބާލަން އުޅުމުގެ ތެރޭގައި ކޮޅުވެއްޓި ބަންޑުން ޖަހާލައި ދެ މީހަކު ނިޔާވި ހާދިސާގައި ހަރަކާތްތެރިވި އެއްވެސް މީހަކު ލައިފްޖެކެޓު ނާޅާކަން އެނގިއްޖެ އެވެ.
އެ ހާދިސާ ހިނގި އިރު ކޮޅުވެއްޓީގައި 14 މީހަކު ތިއްބެވެ. ހާދިސާގައި ނިޔާވީ ގއ. ގެމަނަފުށީ، ދިލްބަހާރުގޭ، އަލީ އަފްލާހު އަބްދުﷲ، 25، އާއި ބަންގްލަދޭޝަށް ނިސްބަތްވާ މަސްއޫދު ހުސެއިން، 32، އެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލި އިރު މަދުވެގެން އެމްޕީއެލްގެ އަށް މުވައްޒަފުން ތިއްބެވެ.
ބޯޓު ބަނދަރާ ކައިރިނުކޮށް ކަނޑުމަތީގައި ކުރިއަށްގެންދާ "ލިފްޓިން އޮޕަރޭޝަން" ތަކަކީ އޭގެ ޒާތުގައި ވެސް ނުރައްކާތެރި މަސައްކަތެކެވެ. އެފަދަ މަސައްކަތެއް ކުރިއަށްގެންދިޔުމުގެ ކުރިން ސޭފްޓީ ޗެކެއް ހަދަންޖެހެ އެވެ. އަދި މަސައްކަތުގައި ހަރަކާތްތެރިވާ މީހުން އެންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅަންޖެހެ އެވެ.