ހަވާލުކުރިތާ ދެ އަހަރު ފަހުން މުއިއްޒުގެ ދަތުރާ ދިމާކޮށް ފުވައްމުލަކުގައި 400 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި
އަދަދު
4 ނޮވެމްބަރު 2025 | އަންގާރަ | 8:52
ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ފުވައްމުލަކުގައި އަޅަން ހަވާލުކުރި 400 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ނުފަށާ ދެ އަހަރު މަޑުކުރުމަށްފަހު، ރައީސް މުއިއްޒު މިއަދު އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ މަޝްރޫއުގެ ބިންގާ އަޅައިފި އެވެ.
މުއިއްޒުގެ ދަތުރުގެ ތެރެއިން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ ބިންގާ އެޅީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އާއި މަސައްކަތް ހަވާލުކުރި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަދި ފުވައްމަލަކު ތިން ދާއިރާގެ މަޖިލިސް މެންބަރުންނެވެ.
ހައުސިން މިނިސްޓްރީން މި މަޝްރޫއު ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ އޮގަސްޓު 7، 2023، ގަ އެވެ. ޖުމްލަ 469.8 މިލިއަން ރުފިޔާއަށް، މި މަޝްރޫއުގެ މަސައްކަތް އޭރު ހަވާލުކުރީ 540 ދުވަހުން ނިންމުމަށެވެ. އެ މުއްދަތު މި އަހަރުގެ ޖެނުއަރީ 28، އަށް ވަނީ ހަމަވެފަ އެވެ.