ގަހަނާ ހަދަން ރަތް މުރަކަ އާއި އެންދެރި ނެގުން ރަނގަޅު ކަމަށް ޕީއެންސީގެ މެންބަރަކު ބުނެފި
އަދަދު
5 ނޮވެމްބަރު 2025 | ބުދަ | 11:12
ދުނިޔޭގެ ބާޒާރުގައި ވިއްކުމަށްޓަކައި އެކި ކަހަލަ ގަހަނާ ހަދަން ރާއްޖޭގެ ފަރުތަކުގައި ހުރި ރަތް މުރަކަތަކާއި އެންދެރި ނެގުން ރަނގަޅު ކަމަށް ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.
އޭނާ މިފަދައިން ވިދާޅުވީ މި ސަރުކާރުން ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރުމާއި ގުޅިގެން، އެކަން ހުއްޓުވަން ގޮވާލާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ކަނޑު އަޑީގެ މަންޒަރުތައް ޓޫރިސްޓުންނަށް ދެއްކުމަށް ތިބުމުގެ ބަދަލުގައި އެހެން ގޮތް ގޮތުން މަންފާ ހޯދައި، އުފެއްދުންތެރިކަމުގެ ބޭންކުރަން ޖެހެ އެވެ.
"ރާއްޖޭގެ ކަނޑުތަކުގަ ހުރި ބައެއް މައުދަންތައް ނުނަގައި ދޫކޮށްލާފަ ހުރި އިރު، ގާތް ގަނޑަކަށް ރެޑް ކޮރަލް، ބްލެކް ކޮރަލް (އެންދެރި) މި އެއްޗެހި ބާޒާރު އަގުގަ ހުރީ 10،000 އާއި 20،000 ޑޮލަރާއި ދެމެދުގަ. ގަހަނާ އުފައްދައިގެން އެބަ ވިއްކާ ދުނިޔޭގެ އެހެން ގައުމުތަކުގަ. އެކަމު މި ގައުމުގަ އެއީ މަނާ ކަމެއް،" ނަސީރު ވިދާޅުވި އެވެ.