2.4 ކިލޯމީޓަރުގެ ބީޗަކާއެކު އޮތް ހިތަދޫ ޓޫރިޒަމް ޒޯން މުއިއްޒު އަތުލައިފި
އަދަދު
5 ނޮވެމްބަރު 2025 | ބުދަ | 8:05
ހިތަދޫ ޓޫރިޒަމް ޒޯނުގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ 2.4 ކިލޯމީޓަރު ދިގު ބީޗަކާއެކު އޮތް 40 ހެކްޓަރުގެ ބޮޑު ބިން ރައީސް މުހައްމަދު މުއިއްޒު، ދުރާލާ އެއްވެސް އެންގުމެއް ނެތި ވަރަށް ހުދުމުހުތާރު ގޮތެއްގައި އަތުލައިފި އެވެ.
ހިތަދޫ ޕޯޓުން ފެށިގެން ހަންކެޑެއާ ދެމެދު އޮތް އެ ސަރަހައްދަކީ އެމްޑީޕީގެ ވެރިކަމުގައި އެ އަތޮޅުގައި ހިންގި ބިން ހިއްކުމުގެ މަޝްރޫއުގައި ހިއްކި ބިމެކެވެ. އައްޑޫ ރައްޔިތުންގެ ހިޔާލާއެކު އެކުލަވާލި ލޭންޑު ޔޫސް ޕްލޭންގައި އެ ސަރަހައްދު ހާއްސަކޮށްފައި އޮތީ ޓޫރިޒަމްގެ ބޭނުންތަކަށް ބިން ދޫކުރުމަށެވެ.
ނަމަވެސް އެ ބިން ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރަން ފިނޭންސް މިނިސްޓްރީ އިއްޔެ އައްޑޫ ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވި އެވެ. ފިނޭންސް މިނިސްޓްރީން އެފަދަ ސިޓީއެއް ފޮނުވީ، އެގޮތަށް އެކަން ކުރަން ރައީސް އޮފީހުން އަންގާފައި އޮތުމުން ކަމަށް، އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން އިބްރާހިމް ޝިނާޒު "އަދަދު" ނޫހަށް ވިދާޅުވި އެވެ.