ވައުދުވީ ފަސް ހަފުތާ ތެރޭ ވިޔަފާރިވެރިންނަށް ފައިސާ ދޭން ފަށަން ކަމަށް ބުނެ މުއިއްޒު ދޮގު ހަދައިފި
އަދަދު
5 ނޮވެމްބަރު 2025 | ބުދަ | 10:58
އޮކްޓޯބަރު 2، ގައި ކުރެއްވި ޕޯސްޓެއްގައި ވައުދުވީ ވިޔަފާރިވެރިންނަށް ނުދެވި ހުރި ފައިސާ ފަސް ހަފުތާ ތެރޭ ދޭން ފަށަން ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒު ބޮޑު ދޮގެއް ހައްދަވައިފި އެވެ.
އިދިކޮޅުން ޖެހިގެން އައި ދުވަހު މާލޭގައި ކުރި ބޮޑު މުޒާހަރާއާއި ދިމާކޮށް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، އެ ދުވަހުން ފެށިގެން ފަސް ހަފުތާ ތެރޭ ދައްކާ ނިމޭނެ ކަމަށެވެ. އެ މުއްދަތު ހަމަވާނީ މާދަމާ އަށެވެ.
"ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިގުތިސޯދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މީ ހާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް،" ފައިސާ ދައްކަނީ ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ހުރި ބިލު ތަކަށް ކަމަށް ވިދާޅުވެ އެކްސްގައި މުއިއްޒު ލިޔުއްވާފައިވެ އެވެ.