ޕީއެންސީ އިން ބާއްވާ އެއްވުމަކަށް ސަރުކާރުގެ މުވައްޒަފުން ދާން މަޖުބޫރު ކުރުވަނީ
އަދަދު
6 ނޮވެމްބަރު 2025 | ބުރާސްފަތި | 11:24
ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން އަންނަ ހަފުތާގެ ހުކުރު ދުވަހު ވެރި ރަށް މާލޭގައި ބާއްވާ އެއްވުމަކަށް ސަރުކާރުގެ އެކި ކުންފުނިތަކުގެ މުވައްޒަފުން މަޖުބޫރު ކުރުވަމުންދާ ކަން އެނގިއްޖެ އެވެ.
ސްޓެލްކޯ، އެމްޕީއެލް އަދި ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މުވައްޒަފުން ނޮވެމްބަރު 14، ގައި ބާއްވާ އެއްވުމަށް ދާން އަންގާފައިވާ ކަމަށް މި ނޫހަށް މިހާތަނަށް ވަނީ ޔަގީންވެފަ އެވެ. އެ ކުންފުނިތަކުގެ ކޮންމެ ޑިޕާޓްމަންޓަކުން ވަކި އަދަދަކަށް މުވައްޒަފުން ނެރެން އެ ތަންތަނުގެ ވެރިން ދަނީ އަންގަމުންނެވެ.
"މިތަނުގެ ކޮންމެ ޑިޕާޓްމަންޓަކުން ވަކި އަދަދަކަށް މުވައްޒަފުން އެއްވުމަށް ދާން ދަނީ އަންގަމުން. ސީދާ ވެރިން އެކަމުގައި އުޅެނީ،" އެތަނުން އެ ކުންފުންޏެއްގެ މުވައްޒަފަކު ބުންޏެވެ.