ކޮޅުވެއްޓިއަށް މުވައްޒަފުން އެރުވިއިރު ބަންޑުންޖަހާލުމުގެ ފުރުސަތު އޮތް ކަމަށް އެމްޕީއެލްއިން އެއްބަސްވެއްޖެ
އަދަދު
6 ނޮވެމްބަރު 2025 | ބުރާސްފަތި | 5:12
މިދިޔަ އާދީއްތަ ދުވަހު ކާގޯ ބޯޓަކުން އެކްސްކެވޭޓަރެއް ބާލަން އުޅުމުގެ ތެރޭގައި، އެ އެކްސްކެވޭޓަރު އެރުވި ކޮޅުވެއްޓި ބަންޑުން ޖަހާލައި އެމްޕީއެލްގެ ދެ މުވައްޒަފުން ނިޔާވި ހާދިސާގައި ހިމެނޭ ކޮޅުވެއްޓިއަށް އެ ކުންފުނީގެ މުވައްޒަފުން އެރުވީ ބަންޑުން ޖަހާލުމުގެ ފުރުސަތު އޮއްވާ ކަމަށް އެމްޕީއެލްއިން މިއަދު އެއްބަސްވެއްޖެ އެވެ.
އެމްޕީއެލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހާދިސާއާ ގުޅިގެން ހެދި ތަހުގީގުގެ ހޯދުންތަކުން ކޮޅުވެއްޓީގެ މުދާ ބަރުކުރާ ޑެކުގައި ލަކުޑި އަޅާފައި ނެތުމާއި ދަގަނޑު ޑެކެއް އޮތުމުން އެކްސްކެވޭޓަރުފަދަ ތަކެތި ބަރުކޮށް އެއާއެކު ދަތުރުކުރާއިރު ކަހާލައި ބަންޑުން ޖަހާލުމުގެ ފުރުސަތު އޮތްކަން ފާހަގަވި ކަމަށެވެ.
"ލޭންޑިން ކްރާފްޓްގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ގަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތްކަން. އަދި އެއީ ލޭންޑިން ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއް،" އެމްޕީއެލްގެ ހޯދުންތަކުން ދައްކާ ކަމަށް ބުންޏެވެ.