ދަރަނި އިތުރުވާތީ އެމްޑީޕީގެ ކަންބޮޑުވުން، "ދައުރު ނިމޭއިރު 200 ބިލިއަނަށް އަރާނެ"
އަދަދު
7 ނޮވެމްބަރު 2025 | ހުކުރު | 2:56
މި ސަރުކާރުގެ ދަރަނި ނެގުން ހުރީ ކަންބޮޑުވާ މިންވަރެއްގައި ކަމަށާއި ދައުރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަަރަނި 200 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އިދިކޮޅު އެމްޑީޕީން އިއްޔެ ބުނެފި އެވެ.
އެމްޑީޕީގެ އިގުތިސޯދީ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ދެ އަހަރުގެ ތެރޭގައި ޖުމުލަ ދަރަނި 35 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ބަޖެޓު އަންދާޒާތަކުން ދައްކާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުގައި އަހަރު ނިމޭއިރު ޖުމުލަ ދަރަނި ހުންނާނީ 158 ބިލިއަން ރުފިޔާގަ އެވެ. މިއީ މި އަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާ ކުރި 149 ބިލިއަން ރުފިޔާއަށް ވުރެ ނުވަ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވީ އަހަރު، 2023، ނިމުނުއިރު ދަރަނި ހުރީ 125 ބިލިއަން ރުފިޔާގަ އެވެ.