ސަރުކާރުން ހުރަސް އަޅަމުންދާތީ ނޮވެމްބަރު 17 އެއްވުން ފަސްކުރަން އެމްޑީޕީން ނިންމައިފި
އަދަދު
8 ނޮވެމްބަރު 2025 | ހޮނިހިރު | 10:42
އިދިކޮޅު އެމްޑީޕީން މާލޭގައި މި މަހުގެ 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމަށް ސަރުކާރުން އެކި ހުރަސްތައް ކުރިމަތިކުރަމުންދާތީ އެ އެއްވުން އެހެން ތާރީހަކަށް ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހަށް އެއްވުން ލަސްކުރުމާމެދު ގޮތެއް ނިންމަން އެދި ފޮނުވީ އެ އެއްވުން ރޭވުމަށް އެކުލަވާލި ކޮމިޓީންނެވެ. ކޮމިޓީން އެދުނު ގޮތަށް އެއްވުން ލަސްކުރަން ފާސްވީ ބައްދަލުވުމުގައި ބައިވެރިވި ގައުމީ މަޖިލިސް މެންބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް، ދެން އެއްވުން އޮންނާނެ ދުވަހެއް ހާމައެއް ނުކުރެ އެވެ.
ގައުމީ މަޖިލީހުގެ ރިޔާސަތުގައި މިރޭ އިންނެވި އެމްޑީޕީގެ ޗެއާޕާސަނުގެ ނައިބު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވި ގޮތުގައި އެއްވުން ރޭވުމަށް ކުރި މަސައްކަތްތަކަށް ސަރުކާރުން އަންނަނީ އެކި ގޮތްގޮތުން ހުރަސް އަޅަމުންނެވެ.