ބޭއިންސާފުން ވަކިކުރި މަހްމޫދު ރިޔާޒުގެ މަގާމު އިއާދަކޮށްފި
އަދަދު
9 ނޮވެމްބަރު 2025 | އާދިއްތަ | 6:39
ރަނގަޅަށް ތަހުގީގު ކުރުމެއް ނެތި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ސިޓީއެއް ފޮނުވުމުން، ރައީސް މުހައްމަދު މުއިއްޒު ވެސް އެއީ އިންސާފުވެރި ނިންމުމެއްތޯ ބެލުމެއް ނެތި ވަޒީފާއިން ވަކިކުރި ކަސްޓަމްސްގެ ދެ ޑިޕިއުޓީ ކޮމިޝަނަރުންގެ ތެރެއިން މަހުމޫދު ރިޔާޒު އެ މަގާމަށް އަލުން އައްޔަން ކުރައްވައިފި އެވެ.
ކަސްޓަމްސްގެ ހިދުމަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު އުޅުއްވި މަހުމޫދު ރިޔާޒު އާއި އަބްދުﷲ ވަހީދު އޮކްޓޯބަރު 29، 2025 ގައި ވަޒީފާއިން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) އިން ކަސްޓަމްސްއާ ގުޅޭ މައްސަލަތަކެއް ބެލުމަށް ފަހު ދެ ޑެޕިއުޓީ ކޮމިޝަނަރުން ހިމެނޭހެން އެ އިދާރާގެ ފަސް ވެރިޔަކު މަގާމުން ވަކިކުރަން ފެންނަ ކަމަށް އެންގުމުންނެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުން މަގާމަށް އައްޔަން ކުރަނީ އަދި ވަކިކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ޑެޕިއުޓީ ކޮމިޝަނަރުން އައްޔަން ކުރަނީ ކަސްޓަމްސްގެ މުވައްޒަފުންގެ ތެރެއިންނެވެ.