އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދުއަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅައިފި
އަދަދު
9 ނޮވެމްބަރު 2025 | އާދިއްތަ | 11:49
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު ޝިފާން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) އަށް ހުށަހަޅައިފި އެވެ.
ޝިފާން އާއި ފަރުހާދުގެ މައްސަލަތަކެއް މަޖިލީހަށް ފޮނުވީ ފުލުހުންގެ ސީނިއާ އޮފިސަރުންތަކެކެވެ. ޗީފް އިންސްޕެކްޓާ އަށްވުރެ މަތީ ރޭންކުތަކުގެ 11 ފުލުހުންގެ ނަމުގައި 241 ކޮމިޓީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ފަރުހާދު އާއި ޝިފާންގެ ކިބައިން ފެންނަމުންދާ ގާނޫނާއި ގަވާއިދާ ހިލާފު ކަންކަމުގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ ހުރުމަތާއި ކަރާމާތަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.
"މި ދެ ބޭކަލުންގެ ނުރަނގަޅު ނުފޫޒާއި ގާނޫނާއި ހިލާފު އަމަލުތަކުގެ ސަބަބުން މުއައްސަސާގެ ސީނިއާ ލީޑަޝިޕްގެ މެދުގައި މަސްލަހަތު ގެއްލިފައިވުމާއި އެއްވެސް ބަދަހިކަމެއް ނެތި މުއައްސަސާގެ ކަންކަން ދުވަހުން ދުވަހަށް ބޮއްސުންލައިގެން ދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" މި ނޫހަށް ވެސް ކޮޕީއެއް ލިބިފައިވާ އެ ސިޓީގައި ބުނެފައިވެ އެވެ.