މުއިއްޒުގެ ދަތުރުގައި އައްޑު އާއި ފުވައްމުލަކުގައި ހުޅުވި އޭޓީއެމްތަކުގެ ހިދުމަތް ގަވާއިދުން ނުލިބޭ ކަމުގެ ޝަކުވާ
އަދަދު
9 ނޮވެމްބަރު 2025 | އާދިއްތަ | 3:09
ރައީސް މުހައްމަދު މުއިއްޒު އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުގެ ތެރެއިން ހުޅުވި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ތަކުން ގަވާއިދުން ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ އެ ސިޓީތަކުގެ ރައްޔިތުން ކުރަން ފަށައިފި އެވެ.
މުއިއްޒުގެ ދަތުރުގެ ތެރެއިން ފުވައްމުލަކުގައި ބީއެމްއެލް ގެ ޑޮލަރު އޭޓީއެމް އެއް ހުޅުވީ ނޮވެމްބަރު 4، ގަ އެވެ. އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ޑޮލަރު އޭޓީއެމް އެއް ހުޅުވީ ޖެހިގެން އައި ދުވަހު އެވެ. އޭޓީއެމްތައް ހުޅުވުމަށް އެ ދެ ދުވަހު ސަރުކާރާއި ބީއެމްއެލްގެ ވެރިންނާ އެކު ހަފުލާތަކެއް ވެސް ބޭއްވި އެވެ.
ނަމަވެސް، އޭގެ ފަހުން އެ ދެ އޭޓީއެމް އިން ހިދުމަތް ނުލިބިގެން އާންމުން ވަނީ ސޯޝަލް މީޑިއާގައި ޝަކުވާ ކޮށްފަ އެވެ. ބައެއް މީހުން ބުނި ގޮތުގައި މުއިއްޒު ރަށުން ފޭބުމާއެކު އޭޓީއެމް އިން ހިދުމަތް ލިބޭގޮތް ވަނީ ނުވެފަ އެވެ.