ސަރުކާރުން ބޭނުންވާހާ ކުންފުނިތަކަކަށް ބީއެމްއެލްއިން ލޯނު ދިނުމަކީ މަނީ ލޯންޑަރިންއަށް ހުޅުވޭ ދޮރެއް: އަމީރު
އަދަދު
9 ނޮވެމްބަރު 2025 | އާދިއްތަ | 5:28
ބީލަމަކަށް ނުލައި ދޫކުރި 206 ޕްރޮޖެކްޓު ކުރިއަށްގެންދަން ބޭނުންވާ ލޯނު ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކުންފުނިތަކަށް ހޯދައިދިނުމަކީ މަނީ ލޯންޑަރިންއަށް ހުޅުވޭ ދޮރެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ގާތް ކުންފުނިތަކަށް 206 ޕްރޮޖެކްޓެއް ހަވާލުކުރީ ބީލަމަކަށް ނުލައި، އަދި އެއްވެސް ހާމަކަމެއް ނެތި އެވެ. އެއީ ގާތްގަނޑަކަށް 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ، މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ސަރުކާރުން އެދިގެން ކޮންޓްރެކްޓަރުން މަސައްކަތްތައް ހުށަހެޅި އަގުތަކަށް ވުރެ މާ ބޮޑުކޮށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން، މަޝްރޫއުއަކަށް 47 މިލިއަން ރުފިޔާ ހުށަހެޅުމުން 80 މިލިއަން ރުފިޔާއަށް ވުރެ ބޮޑުކޮށް އެ މަޝްރޫއު ހަވާލުކުރިކަމަށް އަމީރު ލިޔުއްވި އެވެ.