ބޭރުގެ އެޖެންޓުންނަށް ޑޮލަރު ލިބޭ ގޮތަށް ކާޑު ލިމިޓު ބޮޑުކުރުމުން ދިވެހި އެޖެންޓުންގެ ކަންބޮޑުވުން
އަދަދު
10 ނޮވެމްބަރު 2025 | ހޯމަ | 8:18
ބީއެމްއެލްގެ ޑެބިޓު ކާޑުތަކުން ފްލައިޓުތަކަށް ޓިކެޓު ނެގުމަށާއި ހޮޓާ ބުކިންތަކަށް ބޭނުންކުރެވޭ ލިމިޓު ބޮޑުކުރުމުން، އެއީ ސީދާ ބޭރުގެ ބޮޑެތި ވިޔަފާރިތަކަށް ޑޮލަރުން ދިނުން ކަމަށް ބުނެ ޓިކެޓު ވިއްކާ ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ނަން ނުޖަހާ ގޮތަށް މި ނޫހާ ވާހަކަ ދެއްކި ޖެނެރަލް ސާވިސް އެޖެންޓަކު ބުނީ މި ބަދަލަކީ އެއް ގޮތަކަށް ވެސް ރަނގަޅު ބަދަލެއް ނޫން ކަމަށެވެ. އަދި މި ހުރިހާ ފައިސާއެއް ދާނީ ބޭރުގެ ބޮޑެތި އޮންލައިން ޓްރެވަލް ހިދުމަތްދޭ ވިޔަފާރިތަކަށް ކަމަށް އޭނާ ބުންޏެވެ.
އާންމުންނަށް ޓިކެޓު ނަގަން ފަސޭހަކޮށްދިނުމުގެ މަގުސަދުގައި މިކަން ކުރާ ނަމަ، އިސްކަން ދޭން ވާނީ ލޯކަލް އެޖެންޓުން ބައިވެރިކޮށްގެން މި ކަންކަން ފަހިކޮށްދިނުމަށް ކަމަށް ވެސް އެ ވިޔަފާރިވެރިޔާ ބުންޏެވެ. މި ކަމަށް އެހެން އެޖެންޓުން ވެސް ތާއީދުކުރެ އެވެ.