ހުއްޓިފައި އޮންނަތާ އަހަރެއް ފަހުން ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފަށައިފި
އަދަދު
10 ނޮވެމްބަރު 2025 | ހޯމަ | 10:18
މާލެ މީހުންނަށް ގޯތި ދިނުމަށް މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދީފައިވާ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ އަހަރެއް ފަހުން އެ މަސައްކަތް އަލުން ފަށައިފި އެވެ.
ޑްރެޖަރެއް ގެނެސް ފޭސް ތިނެއްގެ ބިން ހިއްކަން ފެށީ މިއަދު އެވެ. މިފަހަރު ބިން ހިއްކަން ފެށީ އެމްއޭސީއެލްގެ ބެލުމުގެ ދަށުން، އެ ކުންފުނިން ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާއެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.
މީގެ ކުރިން ވެސް ފޭސް ތިނެއް ހިއްކީ އެ ކުންފުނިންނެވެ. ނަމަވެސް އެޗްޑީސީ މެދުވެރި އެ ކުންފުންޏާއެކު އޭރު ހެދި އެއްބަސްވުން ސަރުކާރުން އުވާލީ އެވެ.