ފުވައްމުލަކު ފެނުގެ ކާރިސާ: މައްސަލަ ހައްލުކޮށް ހިދުމަތް އަލުން ފަށަން ދެ ދުވަސް ނަގާނެ ކަމަށް ބުނެފި
އަދަދު
11 ނޮވެމްބަރު 2025 | އަންގާރަ | 6:37
ފުވައްމަލަކުގެ ފެނުގެ ނިޒާމު ތަޣައްޔަރުވެގެން މުޅި ރަށުން ފެނުގެ ހިދުމަތް މެދުކަނޑާލާފައި ވާއިރު، މައްސަލަ ހައްލުކޮށް ހިދުމަތް އަލުން ފަށަން ދެ ދުވަސް ނަގާނެ ކަމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލާދީ ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފި އެވެ.
ރަށުގައި ދިރިއުޅޭ އާބާދީ ގާތްގަނޑަކަށް 10،000 އަށް އަރާފައިވާ ފުވައްމުލަކުން ފެނުގެ ހިދުމަތް އިއްޔެ މެންދުރު މެދުކަނޑާލީ، ބޭނުންކުރަން ރައްކާތެރި ނޫން މިންވަރަކަށް ފެން ތަޣައްޔަރުވިކަން ލެބޯޓަރީ ޓެސްޓުތަކުން ދެއްކުމުންނެވެ.
"މިސިޓީ އިން ފެނުގެ ހިދުމަތް މެދުކެނޑި ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބެމުންދާތީ، ފެނަކަ އާއެކު ކައުންސިލުން މިރޭ [ރޭ] ގެ ވަގުތެއްގައި ބޭއްވުނު ބައްދުލުވުމުގައި އެ ބޭފުޅުން ހިއްސާ ކުރެއްވި މައުލޫމާތައް ބަލާއިރު ފެނުގެ ހިދުމަތް އަލުން ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން ދެ ދުވަސް ވާނެކަމަށް ލަފާކުރެވެ އެވެ،" ފުވައްމަލަކު ކައުންސިލުގެ ބަޔާނުގައިވެ އެވެ.