ހުލާސާކޮށް އިއްޔެ: ޒަމީރު ގަބޫލުކުރަނީ ޕްރޮޖެކްޓުތަކުގެ ތަފުސީލުތައް ބަޖެޓުގައި ހިމަނަން ނުޖެހޭ ކަމަށް
އަދަދު
11 ނޮވެމްބަރު 2025 | އަންގާރަ | 7:02
ޕްރޮޖެކްޓުތަކުގެ ތަފުސީލުތައް ބަޖެޓުގައި ނުހިމަނާ މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ސުވާލުކުރުމުން، މިހާރު ސަރުކާރުން ޕްރޮޖެކްޓުތަކަށް ހަރަދު ކުރަމުން ދަނީ ވަކި އަދަދެއް ބަޖެޓު ނުކޮށް، ޖުމުލަ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވި އެވެ.
ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކުގެ ތަފުސީލުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމު (ޕީއެސްއައިޕީ) އެކުލަވާލި ފަހުން ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިމަނަމުން އައި މައުލޫމާތެވެ. މި ތަފުސީލުތަކުގެ ތެރޭގައި ރަށާއި، ޕްރޮޖެކްޓުގެ ނަމާއި، ބަޖެޓުން ހަރަދުވީ ކަމަށް ނުވަތަ ވާނެ ކަމަށް އަންދާޒާ ކުރެވޭ އަދަދު ހިމެނެ އެވެ.
ނަމަވެސް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކުލަވާލި ފުރަތަމަ ބަޖެޓު، އެއީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓު، ގައި ޕީއެސްއައިޕީ ތަފުސީލުތައް ނުހިމަނަ އެވެ. މިއަދާ ހަމައަށް ރައްޔިތުންގެ މަޖިލީހާ ވެސް އެ މައުލޫމާތު ހިއްސާ ނުކުރެ އެވެ. އޮޑިޓު އޮފީހުން ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް އިއްޔެ ދިން މައުލޫމާތުން އެނގުނީ އެ އޮފީހާ ވެސް އެ މައުލޫމާތު ހިއްސާ ނުކުރާ ކަމެވެ.