ފުވައްމުލައް ފެނަށް ޖެހުމަކީ ބޮޑު އިހުމާލެއް ކަމަށް ވިދާޅުވެ އެކަން ހައްލުކޮށްދޭން ފައިސަލް ގޮވާލައްވައިފި
އަދަދު
11 ނޮވެމްބަރު 2025 | އަންގާރަ | 2:23
ފުވައްމުލަކުގެ ފެން ތަޣައްޔަރުވުމާއި، ފެނުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއްވެ އެ ސިޓީ ފެނަށް ޖެހުމަކީ ސަރުކާރުގެ ބޮޑު އިހުމާލެއް ކަމަށް ވިދާޅުވެ، ފުވައްމުލަކު ފެނުގެ މައްސަލަ ހައްލުކުރަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.
ރަށުގައި ދިރިއުޅޭ އާބާދީ ގާތްގަނޑަކަށް 10،000 އަށް އަރާފައިވާ ފުވައްމުލަކުން ފެނުގެ ހިދުމަތް އިއްޔެ މެންދުރު މެދުކަނޑާލީ، ބޭނުންކުރަން ރައްކާތެރި ނޫން މިންވަރަކަށް ފެން ތަޣައްޔަރުވިކަން ލެބޯޓަރީ ޓެސްޓުތަކުން ދެއްކުމާއި ފެނުގެ ނިޒާމުގައި ބޮޑު ލީކެއް އުޅޭތީ އެވެ.
ފުވައްމުލަކަށް ނިސްބަތްވާ ފައިސަލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުން އެންމެ އަސާސީ އެއް ހިދުމަތްކަމުގައިވާ ރައްކާތެރި ސާފު ބޯފެން ލިބުމުން މަހުރޫމްވެފައި ތިބެން ޖެހުން މިފަދަ ޒަމާނެއްގައި އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށެވެ.