މި ސަރުކާރުން ދެ އަހަރުގެ ބަޖެޓު ހުސްކުރިއިރު ދާއިރާގެ އެއްވެސް މަޝްރޫއެއް ނިންމާފައި ނުވޭ: އައްބާސް
އަދަދު
12 ނޮވެމްބަރު 2025 | ބުދަ | 10:15
މި ސަރުކާރު ވެރިކަމަށް އައި ފަހުން މި ވީ ދެ އަހަރުގެ ބަޖެޓު ހުސްކޮށްލިއިރު، އޭނާ ނިސްބަތްވާ ދާއިރާގައި ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއެއް ނިންމިފައި ނުވާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަ ބަޖެޓަށް ބަހުސްކުރައްވަމުން އައްބާސް ވިދާޅުވީ، މިދިޔަ އަހަރާއި މި އަހަރުގެ ބަޖެޓުގެ ގޮތުގައި 110 ބިލިއަން ރުފިޔާ ހުސްކޮށްލިއިރު، އޭނާގެ ދާއިރާގެ ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށެވެ.
"އިއްޒަތްތެރި ރައީސް. އަޅުގަނޑުގެ ކަންބޮޑުވުމަކީ 110 ބިލިއަން ރުފިޔާގެ ބަޖެޓު. 2024 އަދި 2025 ވަނަ އަހަރު ނިމިގެންދިޔައިރު، އަޅުގަނޑުގެ ދާއިރާގައި ހިމެނޭ ތިން ރަށުން ކުރެ އެއްވެސް ރަށެއްގެ އެއްވެސް މަޝްރޫއެއް ނުނިމި އޮތުން،" އައްބާސް ވިދާޅުވި އެވެ.