އަސްކަރީ ހަރަދު އިތުރުކުރަނީ ހަނގުރާމައަކަށް ތައްޔާރުވާން ކަމަށް ވާނަމަ އެކަން ރައްޔިތުންނަށް އެނގެން ޖެހޭ: މީކާއިލް
އަދަދު
12 ނޮވެމްބަރު 2025 | ބުދަ | 12:07
މި ސަރުކާރުން އަސްކަރިއްޔާއަށް ކުރައްވާ ހަރަދު ބިލިއަނުން އިތުރުކުރަމުންދަނީ، ރާއްޖެއިން ހަނގުރާމައަކަށް ތައްޔާރުވާން ކަމަށް ވާނަމަ އެކަން ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ މިއީ ސިއްހީ ދާއިރާއަށް ހާއްސަ ބަޖެޓެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ހަރަދުވާ މިންވަރު އެންމެ ބޮޑަށް އިތުރުވެފައިވަނީ އަސްކަރީ ދިފާއަށް ކަމަށެވެ. ރާއްޖެ އަކީ އަސްކަރީ ގައުމެއްގެ ގޮތުގައި ދެއްކުމަށް މުއިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އިއްޒަތްތެރި ރައީސް. ހަނގުރާމައަކަށް ތައްޔާރުވަމުންދާނަމަ އެކަން ދިވެހި ރައްޔިތުންނަށް ސާފުކޮށް އެނގެން އެބަ ޖެހޭ. އަޅުގަނޑުމެންނަކީ ހަނގުރާމަ މަތީ ގައުމެއް ނޫން އިއްޒަތްތެރި ރައީސް. ބޮޑު ހަނގުރާމައިގައި ވެސް އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ގޮތުގަ ހިފަހައްޓާލި ގައުމެއްކަން އަޅުގަނޑު ފާހަގަކުރަން،" މީކާއިލް ވިދާޅުވި އެވެ.