ހިއްކަން ފެށިތާ 22 މަސް ފަހުން މުއިއްޒު އަލުން ރަސްމާލެއަށް، އަދި 20 ޕަސެންޓު ވެސް ނުހިއްކޭ
އަދަދު
12 ނޮވެމްބަރު 2025 | ބުދަ | 8:38
މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ މާލެ އަތޮޅު ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ބިން ހިއްކަން ފެށިތާ 22 މަސް ދުވަސް ފަހުން ރައީސް މުހައްމަދު މުއިއްޒު އެ ސަރަހައްދަށް މިއަދު ވަޑައިގެންފި އެވެ.
މުއިއްޒު އާއި ވަޒީރުން އަދި ސަރުކާރުގެ ވެރިންނާއި އެސްއޯއީތަކުގެ ވެރިންގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިބި ގިނަ ބަޔަކު ހިމެނޭ ފައުޖަކުން ރަސްމާލެއަށް ޒިޔާރަތްކުރީ މިއަދު ހަވީރު އެވެ. ރައީސް އޮފީހުން ބުނީ މުއިއްޒު އެ ސަރަހައްދަށް ވަޑައިގެން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވި ކަމަށެވެ.
ޑިސެމްބަރު 18، 2023، ގައި މަސައްކަތް ފަށައި ޖުމްލަ އަށް މަހުން ހިއްކަން ބުނި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގައި ހިމެނެނީ ޖުމްލަ 1153 ހެކްޓަރުގެ ބިމެވެ. ވޭތުވެދިޔަ 22 މަސްދުވަހުގެ ތެރެއިން ބޮޑު ބައެއް ވޭތުވީ ރަސްމާލެ ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުކޮށެވެ. ރަސްމާލެ ހިއްކަން ފެށި ދުވަހު ވެސް މުއިއްޒު އެތަނަށް ވަޑައިގެންނެވި އެވެ.