ފުވައްމުލައް ފެނަށް ޖެހުން: ފެން ދޫކުރަން ފަށައިފި ކަމަށް ފެނަކައިން ބުނި ނަމަވެސް ގިނަ ގޭގެއަށް އަދިވެސް ފެން ނުލިބޭ
އަދަދު
13 ނޮވެމްބަރު 2025 | ބުރާސްފަތި | 10:18
ރާއްޖޭގައި އެންމެ ގިނައިން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރޭގައި ހިމެނޭ ފުވައްމުލަކަށް ހޯމަ ދުވަހުން ފެށިގެން ސާފު ފެން ނުލިބޭ މައްސަލަ ހައްލުކޮށް، ގޭގެއަށް ފެން ދޫކުރަން ފަށާފައިވާ ކަމަށް ފެނަކައިން ބުނި ނަމަވެސް ގިނަ ގޭގެއަށް އަދި ވެސް ފެން ނުލިބޭ ކަމަށް އެ ރަށުން މައުލޫމާތު ދީފަ އެވެ.
ފެނަކަ އާ ހަވާލާދީ ފުވައްމުލަކު ގޭގެއަށް މިހާރު ފެން ލިބޭނެ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރުމުން މި ނޫހުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވީ ފެން ދޫކުރަން މިހާރު ފަށާފައިވާ ކަމަށާއި ފެން ދޫކުރަން ޖެހެނީ ކޮންމެ ގެއަކަށް ވަކިން ގޮސްގެން ކަމުން އެކަމަށް ވަގުތު ނަގާނެ ކަމަށެވެ.
"ރޭގަ އެ މީހުން މަސައްކަތް ފަށްޓައިފި. އެކަމު ރޭގަ ގޭގެ ތަޅުލާފަ ހުރީމަ މިއަދު ހެދުނު ޕްރޮޑަކްޓިވްލީ ފެއްޓުނީ. އަޅުގަނޑުމެން މި ބަލަނީ މެންދުރު ކުރިއަށް ނިމޭނެ ކަމަށް. ގާތްގަނޑަކަށް 2،000 އެއްހާ ހައުސްހޯލްޑު އެއީ،" ނަޖާހު ވިދާޅުވި އެވެ.