ފުވައްމުލަކަށް ސާފު ފެން ނުލިބޭތީ އެމްޑީޕީގެ ކަންބޮޑުވުން
އަދަދު
13 ނޮވެމްބަރު 2025 | ބުރާސްފަތި | 4:19
ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ސާފު ފެން ނުލިބި، އެތައް ދުވަހެއް ވެގެންދާތީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފުވައްމުލަކުގެ ފެނުގެ ނިޒާމަށް މައްސަލަ ޖެހެމުންދާކަން އެ ސިޓީގެ ކައުންސިލާއި ރައްޔިތުން ތަކުރާރުކޮށް ބުނަމުންދިޔައިރު ވެސް ސަރުކަރުގެ ކަމާބެހޭ އިދާރާތަކާއި ފެނަކަ ކޯޕަރޭޝަނުން އެކަމަށް ދޭން ޖެހޭ ސަމާލުކަން ދީފައި ނުވާ ކަމަށެވެ.
ސަރުކާރުން ފެންނަނީ އަސާސީ ހިދުމަތްތައް މެދުކެނދި އެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ހަރަދުތައް ކުރުމުގެ ބަދަލުގައި، އެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ބަޖެޓުން ސަރުކާރު ހިންގާ ޕާޓީ ޕްރޮމޯޓްކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ތަން ކަމަށް އެ ޕާޓީން ބުންޏެވެ.