ހުލާސާކޮށް އިއްޔެ: ކައުންސިލް އިންތިހާބާ ބެހޭ ގޮތުން މުއިއްޒު ވާހަކަ ދެއްކެވުން
އަދަދު
15 ނޮވެމްބަރު 2025 | ހޮނިހިރު | 6:30
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓުން ހޮވައިފިނަމަ ރަށްރަށާއި ސިޓީތަކުގެ ތަރައްގީއަށް ހުރަސް އެޅުމުގެ ފުރުސަތު އޮތް ކަމަށް ދޭހަވާ މޭރުމަކުން ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވައިފި އެވެ.
ވެރިކަމަށް ދެ އަހަރު ފުރުމާ ދިމާކޮށް ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ތަރައްގީގެ މަސައްކަތުގައި މިހާރެކޭ އެއްގޮތަށް ސަރުކާރާއެކު ކުރިއަށް ދިޔުމަށް ރައްޔިތުން ކައިރި އެދޭ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބަކީ ތަރައްގީގެ މަސައްކަތްތަކަށް އެޅޭ ހުރަހަކަށް ނުހެއްދެވުމަށް ވެސް ގޮވާލެއްވި އެވެ.
"ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ރައްޔިތުންގެ ވިންދާއި އިހުސާސާއި އެއްގޮތަށް ސަރުކާރުގެ މަޝްރޫއުތައް ތަންފީޒުކުރުމަށްޓަކައި ފުރިހަމައަށް އެއްބާރުލުން ދޭނެ ކައުންސިލަރުންތަކެއް ހޮވުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ދިވެހިރާއްޖޭގެ ރައްޔިތުން ނިންމަވާނެ ގޮތް. އެއީ އަޅުގަނޑު އެދޭ ގޮތް. އަޅުގަނޑު ކުރާ އިލްތިމާސް،" މުއިއްޒު ވިދާޅުވި އެވެ.