މީރާގެ "މުސާރަތައް ކުޑަކަމުން" މުވައްޒަފުން ހަރުނުލާ، އާ މުވައްޒަފުން ނުލިބޭ
އަދަދު
15 ނޮވެމްބަރު 2025 | ހޮނިހިރު | 3:32
ޕްރައިވެޓް ސެކްޓަރާއި ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކާ އަޅައިބަލައި އިރު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުސާރަތައް ކުޑަކަމުން މުވައްޒަފުން ހިފެހެއްޓުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް އެ އޮތޯރިޓީން ރައްޔިތުންގެ މަޖިލީހުގައި ބުނެފި އެވެ.
މީރާއިން ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވި އަހަރުތަކުގައި އެ އޮތޯރިޓީގެ މުވައްޒަފުންގެ ޓާންއޯވާ ނޫނީ ވަޒީފާއިން ވަކިވާ މުވައްޒަފުންގެ އަދަދު ހުރީ 17 ޕަސެންޓުގައި އެވެ. ނަމަވެސް، މި އަހަަރު މި އަަދަދު ވަނީ 21 ޕަސެންޓަށް އުފުލިފަ އެވެ.
މިކަމާ ގުޅޭ ގޮތުން ކޮމިޓީގައި ވާހަކަ ދައްކަވަމުން ޓެކްސް ކޮމިޝަނަރު، ހަސަން ޒަރީރު، ވިދާޅުވީ މީރާއަކީ މަސައްކަތުގެ ވަގުތު ގިނަ، އަދި އެހެން މަސައްކަތެއް ކުރުން ވަރަށް ހަރުކަށިކޮށް މަނާ އިދާރާއެއް ކަމަށެވެ. މިހެން ނަމަވެސް، މީރާ ފަށައިގަތް އިރު، މުސާރަތައް ރަނގަޅު ވުމުން މުވައްޒަފުންގެ މައްސަލައެއް ދިމާ ނުވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.