ގޫގުލްގެ 'ދިވަރު': ކޮން ބައެއްގެ އިސްނެގުމެއް؟ މިއީ ހެއްކާއެކު ހަގީގަތް!

އަދަދު

18 ނޮވެމްބަރު 2025 | އަންގާރަ | 1:15

ދިވެހިރާއްޖެ އާއި، އޮމާން އާއި، އަދި އޮސްޓްރޭލިއާގެ ކްރިސްމަސް އައިލެންޑް ގުޅުވާލުމަށް، ރާއްޖޭގެ ދެކުނުން ކަނޑު އަޑިން އަޅާ ކޭބަލް، "ދިވަރު" ގެ ނަމުގައި ގޫގުލްއިން އިއުލާން ކުރުމާ ގުޅިގެން، ރައީސް މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނަށް ތާއިދުކުރާ ފަރާތްތަކުން މި އަގުބޮޑު މަޝްރޫއުގެ ވާހަކަ ދައްކަން ފަށައިފި އެވެ. މުއިއްޒުގެ ދައުވާއަކީ، މި އިންވެސްޓްމަންޓް "ފެށިގެން އައީ" 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނިއުޔޯކުގައި ގޫގުލްގައި އިސްވެރިންނާއެކު އެ މަނިކުފާނު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު އެވެ.

"ޔޫއެންޖީއޭއަށް 2024 ވަނަ އަހަރު އަޅުގަނޑު ދިޔައިރު، ނިއު ޔޯކަށް ގޮސްފައި، އަޅުގަނޑު ބައްދަލުކުރި ގޫގުލްގެ ޓީމާ. އެ ތަނުގައި ކުރެވުނު މަޝްވަރާއެއް، އެ ބޭފުޅުން ޝައުގުވެރިކަން ފާޅުކުރީ. މަޝްވަރާކޮށްފައި ދިން ކޮމިޓްމެންޓެއް، ސަރުކާރުގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނަމޭ، ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނަމޭ، ތި ބޭފުޅުން ރާއްޖެއަށް އައިސް އިންވެސްޓް ކުރައްވާށޭ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކުރެވުނު ވަރަށް ގިނަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން،" ސޯޝަލް ސެންޓަރުގައި ރޭ މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް، މުއިއްޒުގެ މި ވާހަކަ އަށް ބާރު ލިބޭ ހެއްކެއް، ގަރީނާއެއް ލިބެން އެބަ އޮތް ހެއްޔެވެ؟ މުއިއްޒު އާއި މުއިއްޒު އަށް ތާއިދުކުރާ ފަރާތްތަކުން މި މަޝްރޫއުގެ ފެށުމުގައި އެ މަނިކުފާނުގެ ދައުރު ބޮޑުކަން ދައްކުވަން މަސައްކަތް ކުރި ނަމަވެސް ގޫގުލްގެ ރަސްމީ ލިޔުންތަކާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓުތަކުގެ ފަތްފުށްތަކާއި މީޑިއާ ރިޕޯޓުތަކުން އެކަން އެނގެން ނެތެވެ.

މައުޟޫޢުތަށް