އެއާޕޯޓު މަޝްރޫއުތަކަކީ އިސްރާފެއް، ގިނަ އެއާޕޯޓުތަކަށް އަރަނީ ބަރަވެލި އެކަނި: ސިޔާމް
އަދަދު
18 ނޮވެމްބަރު 2025 | އަންގާރަ | 10:47
ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ އެއާޕޯޓު މަޝްރޫއުތަކަކީ އިސްރާފެއްގެ ގޮތުގައި ސިފަކުރައްވައި، ގިނަ އެއާޕޯޓުތަކަށް ފުލައިޓު ވެސް ނާޅާ ކަަމަށް ވިދާޅުވެ، ސަރުކާރުގެ ތަރައްގީގެ ސިޔާސަތަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު، އަހުމަދު ސިޔާމް މުހައްމަދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ބަޖެޓު ބަހުސްގައި ސިޔާމް މިހެން ވިދާޅުވީ ގިނަ އެއާޕޯޓުތަކުން ފައިދާ ނުލިބޭ ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވަމުންނެވެ. އެގޮތުން، ސަރުކާރުން ކުރާ ހަރަދުތަކަކީ ކޮން ކަހަލަ ހަރަދުތަކެއްތޯ ވިސްނާލަން ޖެހޭ ކަމަށް ވިދާޅުވެ އިސްރާފެއްގެ ގޮތުގައި ސިޔާމް މިސާލު ނެންގެވީ އެއާޕޯޓުތަކުންނެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިއަދު ވެސް ރާއްޖޭގަ ގިނަ އެއާޕޯޓުތަކަކީ އެތަންތަނަށް ބަރަވެލި ނޫނިއްޔާ އަރާނެ އެއާޕޯޓުތަކެއް ނޫން. މިސާލަކަށް ބުނާނަމަ ޅ. އަތޮޅުގަ ހަދާފަ އޮތް އެއާޕޯޓެއް އެބަ އޮތް، މިދިޔަ ސަރުކާރުގަ ވެސް ކުރީ ސަރުކާރުގަ ވެސް އެތަނަށް ޖެއްސި ފްލައިޓެއް ނެތް،" ސިޔާމް ވިދާޅުވި އެވެ.