މި ދައުރު ތެރޭ ގޮއިދޫ އިންޖީނުގެ ބަދަލުކުރަން މުއިއްޒު ވައުދުވެފައި އޮތަސް އެކަން ނުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވެއްޖެ
އަދަދު
19 ނޮވެމްބަރު 2025 | ބުދަ | 9:53
ބ. ގޮއިދޫ އިންޖީނުގެ މިހާރު ހުރިތަނުން އެހެން ތަނަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި ނަމަވެސް މި ދައުރުގެ ތެރޭ އެ މަޝްރޫއު ނުނިމޭނެ ކަމަށް ޓޫރިޒަމް އެންޑް އެންވަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގޮއިދޫ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ފެށޭނެ އަދި ނިމޭނެ ތާރީހެއް ހޯދުމަށް ވަޒީރާއި ސުވާލުކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ.
އެ ސުވާލަށް ލިޔުމުން ފޮނުވި ޖަވާބުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ގޮއިދޫ އިންޖީނުގެ މިހާރު ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށޭނީ 2028 ގައި ކަމަށާއި އެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ 2029 ގައި ކަމަށެވެ. އެ މަޝްރޫއަށް ބިން ހަމަޖެހިފައި އޮތަސް މިހާތަނަށް މަސައްކަތް ނުފެށި އޮތް ކަމަށް ވެސް ތޯރިގު ވިދާޅުވެފައިވެ އެވެ.