މަސައްކަތްތެރިންނަށް ހަޅުތާލުކުރެވޭނެ، ގާނޫނަކުން އެ ކަމަށް ހުރަސްއެޅޭނެ ގޮތެއް ނޯންނާނެ: މައުރޫފު
އަދަދު
19 ނޮވެމްބަރު 2025 | ބުދަ | 11:10
މުޒާހަރާ ކުރުމާއި ހަޅުތާލު ކުރުމަކީ އަސާސީ ހައްގެއް ކަމަށާއި ހާއްސަކޮށް މަސައްކަތު މާހައުލުގައި ހަޅުތާލު ކުރުމަށް ގާނޫނެއް ހަދައިގެން ހުރަސް ނޭޅޭނެ ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން މަސައްކަތްތެރިންގެ ޔޫނިއަންތަކުގައި އިސްވެ މަސައްކަތް ކުރެއްވި މައުރޫފު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާ މިފަދައިން ވާހަކަދެއްކެވީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުން އަދި ހަޅުތާލު ކުރުމާއި ދެކޮޅަށް މިއަދުގެ މަޖިލީހުގައި ބައެއް މެންބަރުން ވާހަކަދެއްކެވުމާއި ގުޅިގެންނެވެ.
ކުރިއާލައި ހުއްދަ ނަގައިގެން ނޫނީ ވަކި ސަރަހައްދުތަކަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު އުވާލަން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އެކަމާއި ދެކޮޅަށް މައުރޫފުގެ ކުރިން ވާހަކަދެއްކެވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ.