އަބްދުއްރަހްމާންގެ މަރު: ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
އަދަދު
19 ނޮވެމްބަރު 2025 | ބުދަ | 10:25
އއ. މާޅޮހު ގެއެއްގައި ނިދާފައި އޮއްވައި އެ ރަށު އަބްދުއްރަހުމާން އާދަމް އަނިޔާވެރިގޮތަކަށް މަރާލި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އަހުމަދު އާޝިދު، ފިޔަ، އއ. މާޅޮސް އާއި މުހައްމަދު ވިސާމް، ލިލީފެހި، އއ. މާޅޮސް އަދި އަހުމަދު ފާރިސް، ފިނިވާގެ، އއ. މާޅޮސް އެވެ. ވިޝާމް އާއި ފާރިސް ހައްޔަރު ކުރީ މާޅޮހުންނެވެ. އެއީ އެ ރަށުގައި ވަޒީފާ އަދާކުރަމުންދިޔަ ދެ މީހުންނެވެ. އަދި އާޝިދު ހައްޔަރު ކުރީ ވެރި ރަށް މާލެއިންނެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އާޝިދުގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކަމަށެވެ. ދެން ތިބި ދެމީހުންގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.