ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށްފި
އަދަދު
20 ނޮވެމްބަރު 2025 | ބުރާސްފަތި | 9:15
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފި އެވެ.
އިއްޔެ ބޭއްވި ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރަން ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ 10 މެންބަރެއްގެ ވޯޓާއެކު އެވެ. ހުށަހެޅުމާ ދެކޮޅަށް ހަތަރު މެންބަރަކު ވޯޓު ދެއްވި އެވެ.
ބަޖެޓު ފާސްކުރުމުގެ ކުރިން ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އަންނަ އަހަރަށް ބަޖެޓު އިތުރުކުރުމަށް ބައެއް އިދާރާތަކުން އެދުނު ނަމަވެސް އެކަން ކޮށްދެވެން ނެތް ކަމަށް ފިނޭންސުން އަންގާފައިވާ ކަމަށެވެ. ނަމަވެސް، މަޖިލީހުން އިތުރަށް ބޭނުންވާ 3.5 މިލިއަން ބަޖެޓުގެ ތެރެއިން ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވާކަން ސަލީމް ފާހަގަކުރެއްވި އެވެ.