ގޭންގެއް ނެތް ކަމަށް މުއިއްޒު ވިދާޅުވިތާ ދެ ދުވަސް ނުވަނީސް ގޭންގު ހަދައިގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
އަދަދު
20 ނޮވެމްބަރު 2025 | ބުރާސްފަތި | 9:59
ކުށްކުރާ އެއްވެސް ގޭންގެއް ރާއްޖޭގައި މިހާރު ހަރަކާތްތެރިނުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވިތާ ދެ ދުވަސް ފާއިތުނުވަނީސް، ގޭންގު ހަދައިގެން މާރާމާރީ ހިންގި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހު ފުލުހުން ހައްޔަރު ކުރީ ޝަމާހު މޫސާ ދީދީ އާއި ހުސެއިން ނަވީން އެވެ. އެ ދެ މީހުން މިހާރު ވަނީ ހަތް ދުވަހަށް ބަންދު ކުރަން އަމުރުކޮށްފަ އެވެ.
ޝަމާހު އާއި ނަވީން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ ދެ މީހުން ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. ހާދިސާގެ ފޮޓޯ ވެސް ލިބިފައިވާ ކަމަށް ކޯޓުން ބުނެފައިވެ އެވެ.