ގަލުފަޅު އެޗްޑީސީން އަތުލައި، ކޮންވެންޝަން ސެންޓަރު ތަރައްގީކުރުމާ ސަރުކާރުން ހަވާލުވެއްޖެ
އަދަދު
23 ނޮވެމްބަރު 2025 | އާދިއްތަ | 12:11
ބިންވެރިޔާ ސްކީމުން ހައުސިން ޑިވެލޮޕްމަންޓި ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބުނު ގެއްލުމުގެ ބަދަލުގައި އެ ކުންފުންޏަށް ދިން ދެ ފަޅުގެ ތެރެއިން މާލޭއާ އެންމެ ކައިރީގައި އޮންނަ ކ. ގަލުފަޅު އެ ކުންފުނީގެ އަތުން އަތުލައި އެ ފަޅު ހިއްކައިގެން އިވެންޓު ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުމުގެ ޕްރޮޖެކްޓެއް ހިންގަން އިކޮނޮމިކް ކައުންސިލުން ނިންމައިފި އެވެ.
އެ މަޝްރޫއުއާ ގުޅޭ މައުލޫމާތު ސަރުކާރުން ރަސްމީކޮށް ހާމަނުކުރާތީ، އެޗްޑީސީ އަތުން ފަޅު ނެގި އިރެއް އަދި އެއްބަސްވުމަށް އައި ބަދަލެއް ނޭނގެ އެވެ. ނަމަވެސް، އިކޮނޮމިކް ކައުންސިލުން ވަނީ މި ޕްރޮޖެކްޓު ކުރިއަށް ގެންދަން ނިންމާ، ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުން އެ މަސައްކަތް ފަށާފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ގަލުފަޅު ހިއްކަން އީއައިއޭއަށް ވެސް ހަދާފަ އެވެ. އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމްގެ ހާއްސަ އެންގެވުމެއްގެ ދަށުން މި މަޝްރޫއުގެ އީއައިއޭ މަރުހަލާ ކުރިއަށް ދަނީ އާންމުކޮށް އޮންނަ އުސޫލުތަކުގެ ބޭރުން، އެހެން ޕްރޮޖެކްޓުތަކަަށް ވުރެ އަވަސްކޮށެވެ.