ބިންގާ އެޅުމާއި ސޮއިކުރާތަން ބެލުމަށްވުރެ ބޮޑަށް ރައްޔިތުން ބޭނުންވަނީ އަމަލީ މަސައްކަތް ދެކެން: ފައިސަލް
އަދަދު
22 ނޮވެމްބަރު 2025 | ހޮނިހިރު | 9:22
މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށް ދެއްކުމަށް އެގްރިމެންޓުތަކުގައި ސޮއިކުރުމާއި ތަންތަނުގައި ބިންގާ އަޅާ މަންޒަރަށްވުރެ ރައްޔިތުން ބަލަން ބޭނުންވަނީ ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ހިނގާ، އެކަންކަން ނިންމޭ މަންޒަރު ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ސަފުތައް ރުކުރުވާލުމަށް އެމްޑީޕީގެ ބައެއް އިސްވެރިން މިހާރު އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މީޑިއާތަކާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ރަށުގައި ހިންގާ ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް ކުރިއަށްދާ ތަން ފެނުން ކަމަށެވެ.
"ބިންގާ އެޅުން. އެއްބަސްވުމުގައި ސޮއިކުރުން. މިއެއް ނޫން ރައްޔިތުން ބޭނުންވާ ކަމަކީ. ރައްޔިތުން ބޭނުންވަނީ މަގު ތާރު އެޅިގެން ދިޔުން. ރައްޔިތުން ބޭނުންވަނީ ޝޯ ޕްރޮޓެކްޝަން މަސައްކަތް ނިމިގެންދިޔުން. ރައްޔިތުން ބޭނުންވަނީ ރައްޔިތުންނަށް އެތައް ދުވަހެއް ވަންދެން އިންތިޒާރުގަ ތިބި ކަންތައްތައް ކުރިމަތިން ވެގެންދާ މަންޒަރު ފެނުން،" ފައިސަލް ވިދާޅުވި އެވެ.