ފުވައްމުލަކު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރަން ފެނަކައިން ދެކޮޅު ހަދައިފި
އަދަދު
23 ނޮވެމްބަރު 2025 | އާދިއްތަ | 2:43
ފެނަކައިން ދޭ ކަރަންޓާއި ނަރުދަމާ އަދި ފެނުގެ ހިދުމަތްތަކުގެ މައުލޫމާތު ހޯދަން މިއަދު ފުވައްމުލަކުގައި ހުންނަ ފެނަކައިގެ ބްރާންޗުގެ އިސްވެރިންނާ ބައްދަލުކުރަން ދިޔަ އެ ސިޓީގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރަން އެ ކުންފުނިން ދެކޮޅު ހަދައިފި އެވެ.
ކައުންސިލްގެ ފަރާތުން ފުވައްމުލަކު ފެނަކަ އޮފީހުގެ ވެރިންނާ ބައްދަލުކުރަން ދިޔައީ މޭޔަރު އިސްމާއިލް ރަފީގު، ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ އަދި ކައުންސިލަރު އައިމިނަތު އިނާޔާ އެވެ. އެބޭފުޅުންގެ އިތުރުން ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު ވެސް ފެނަކަ އޮފީހަށް ވަޑައިގަތެވެ.
ފެނަކައިން ބުނީ ކައުންސިލް މެންބަރުންނާ ބައްދަލު ކުރެވޭނީ އެ ކުންފުނީގެ މައި އޮފީހުން ހުއްދަ ނަގައިގެން ކަމަށެވެ. ބައްދަލު ކުރަން ދެކޮޅު ހެދުމުން ފެނަކަ އޮފީހުގެ ބޭރުގައި ހުންނަވާ މޭޔަރު އިސްމާއިލް ވިދާޅުވީ މިއަދު ބައްދަލުކުރަން ބޭނުންވީ އެ ރަށުގައި މި ފަހުން ފެނުގެ ނިޒާމަށް ދިމާވި މައްސަލަތަކާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން ކަމަށެވެ.