އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި ހާމަކުރުމަށްފަހު ފާޑުކިޔުން އަމާޒުވުމުން ޑިލީޓުކޮށްފި
އަދަދު
25 ނޮވެމްބަރު 2025 | އަންގާރަ | 11:54
އެކައުންޓުގައި ފައިސާ ރޯލު ވާތީ ކަމަށް ބުނެ ޒަކާތް ނުލިބޭކަމުގެ ޝަކުވާ ކުރި އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި ހާމަކުރުމަށްފަހު، އެކަމަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން އެ ޕޯސްޓު އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ޑިލީޓުކުރައްވައިފި އެވެ.
ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އާދިއްތަ ދުވަހުގެރޭ ރައީސުލްޖުމްހޫރިއްޔާ ވިލިނގިއްޔަށް ވަޑައިގެން ބޭއްވި ޖަލްސާގައި އެކަނިވެރި މަޔަކު ވަނީ އޭނާގެ އުދާސްތައް ބޭރުކޮށްލައިފަ އެވެ.
އުމުރުން 37 އަހަރުގެ އައިޝާ ނަމަކަށް ކިޔާ އެ މީހާ ބުނީ އޭނާގެ ފަސް ދަރިން ތިބޭ ކަމަށާއި އޭގެތެރެއިން އެންމެ ހަގު ކުއްޖާ އުފަންވިއިރު ވެސް ލޮލަށް ނުފެންނަ ކަމަށެވެ. އެހެންކަމުން ރާއްޖެއިން ބޭރަށް ގޮސް 2023 ވަނަ އަހަރު އެ ކުއްޖާގެ ލޮލަށް ފަރުވާ ކުރުމަށްފަހު ރާއްޖެއަށް އައުމުން، ދެންތިބި ހަތަރުކުދިންނަށް އިހުމާލުވެފައިވާ ކަމަށް ބުނެ އެ ކުދިންގެ ބައްޕައާ ހަވާލުކުރި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ކުދިންގެ ބައްޕައަކީ ބޮޑު ކުށްވެރިއެއް ކަަމަށް އައިޝާ ބުންޏެވެ.