ސަރުކާރުން ބަހާލި ޕްރޮޖެކްޓްތަކަށް ފައިނޭންސް ނުކުރަން އެމްޑީޕީން ބީއެމްއެލްއަށް ގޮވާލައިފި
އަދަދު
25 ނޮވެމްބަރު 2025 | އަންގާރަ | 10:14
ބީލަމަށް ނުލައި 53 ޕްރައިވެޓް ކުންފުންޏަކަށް ސަރުކާރުން ބަހާލި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތަކަށް ފައިނޭންސް ޣައިރު ގާނޫނީ ކަމެއް ކަމަށާއި އެފަދަ ކަމަކަށް ސަރުކާރަށް ވާގިވެރިނުވުމަށާއި، އެ މަޝްރޫއުތަކަށް ފައިނޭންސް ކޮށްދީފިނަމަ ދެން އުފެދޭ ސަރުކާރުގައި މައްސަލަތައް ބަލައި އެކަމުގައި ޝާމިލުވާ އެންމެނާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްޑީޕީން އިއްޔެ ދީފި އެވެ.
އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު އަހުމަދު މައުރޫފު ސޮއިކުރައްވައި، ބީއެމްއެލްގެ ޗެއާމަން އަހުމަދު އަލީ ހަބީބަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ މައިގަނޑު އުސޫލުތަކާ ހިލާފަށް ހަވާލުކޮށްފައިވާ އެ މަޝްރޫއުތަކަށް ބޭންކުން ފައިނޭންސް ކޮށްދެނީ ވެސް ބޭންކުގެ އުސޫލުތަކާ ހިލާފަށް، ބޭންކަށް ގެއްލުންވާ ގޮތަށް ގޮތަކަށް ކަމަށެވެ.
"މިފަދަ ޣައިރު ގާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިނުވުމަށް މި ޕާޓީން ނަސޭހަތްތެރިވެ، އެކަންކަން ހުއްޓައިލުމަށް ދަންނަވަމެވެ. އަދި، ދެން އުފެދޭ ސަރުކާރުގައި، މި މައްސަލަތައް އަވަހަށް ބަލައި، މި ކަންކަމުގައި ޝާމިލުވާ އެންމެނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ." ސިޓީގައިވެ އެވެ.