ޕީއެންސީގެ މެޖޯރިޓީ އޮންނަ ކައުންސިލަށް މިދިޔަ ދެ އަހަރު ގިނަ ކަންކަން ނުކުރެވޭ ކަމަށް މުއިއްޒު އެއްބަސްވެއްޖެ
އަދަދު
27 ނޮވެމްބަރު 2025 | ބުރާސްފަތި | 1:14
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ކައުންސިލް ފެންވަރުގައި ކުރަން ޖެހޭ ގިނަ ކަންކަން ކުރެވިފައި ނުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އެއްބަސްވެވަޑައިގެންފި އެވެ.
އަންގާރަ ދުވަހުގެ ރޭ އަމީނިއްޔާ ސްކޫލުގައި މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި އިވެންޓުގައި އެ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިޔާލު ހިއްސާކުރި ގިނަ މީހުން ވަނީ ހުރި މައްސަލަތައް ހައްލުކޮށްދިނުމަށް އެދިފަ އެވެ. އޭގެ ތެރެއިން ގިނަ މައްސަލަތަކަށް ކައުންސިލް މެދުވެރިކޮށް ހައްލު ހޯދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ގިނަ ވާހަކަތަކުން ފާހަގަވީ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭ މާލޭގެ ލޯކަލް ލެވެލްގައި ކައުންސިލުން ކުރަން ޖެހޭ ގިނަ ކަންކަން ނުކުރެވި ހުރީމައޭ، މަގު މަރާމާތު ނުކުރެވެނީ، އާޓިފިޝަލް ބީޗުގައި ފެން މާގަނޑު ހަލާކުވީ، މިހެން ގޮސް ޕާކުތަކުގެ މައްސަލަތައް،" މުއިއްޒު ވިދާޅުވި އެވެ.