ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ފެރިދޫ ކައުންސިލްގެ ރައީސް ތިން މަހަށް ސަސްޕެންޑުކޮށްފި
އަދަދު
27 ނޮވެމްބަރު 2025 | ބުރާސްފަތި | 1:45
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އއ. ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއީލް ޝާހު ތިން މަސް ދުވަހަށް ސަސްޕެންޑު ކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފި އެވެ.
އެލްޖީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފެރިދޫ ކައުންސިލްގެ އިދާރީ މުވައްޒަފަކަށް އިސްމާއީލް ޝާހު ޖިންސީ ފުރައްސާރަކުރިކަން މަދަނީ މިންގަނޑުން ސާބިތުވެފައިވާތީ އެކަމާ ގުޅިގެން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އަންގަވައިގެން ހެދި އިންކުއަރީއަށްފަހު ކަމަށެވެ.
އެލްޖީއޭއިން ބުނީ ކައުންސިލްގެ ރައީސް އެފަދަ އަމަލުތަކެއް ހިންގެވުމަކީ ގާނޫނުން ކައުންސިލްގެ ރައީސަށް މަތިކޮށްފައިވާ ޒިންމާއާ ހިލާފުވެފައިވާ ކަމެއް ކަމަށާއި ޓްރައިބިއުނަލުން ކަނޑައަޅާފައިވާ ކަންކަމަށް ރިޔާޔަތްކުރާއިރު އިސްމާއީލް ޝާހު ގާނޫނުތަކާވެސް ހިލާފުވެފައިވާ ކަމަށެވެ.