ބަހާލި ބައެއް މަޝްރޫއުތައް އިކޮނޮމިކް ކައުންސިލުގެ އުސޫލުތަކަށް ވެސް ނުފެތޭ!
އަދަދު
1 ޑިސެމްބަރު 2025 | ހޯމަ | 1:42
ސަރުކާރު ހިންގާ ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނާ ގުޅުން ހުރި ކުންފުނިތަކަށް 2.7 ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއުތައް ބަހާލީ، ސިންގަލް ސޯސް ޕްރޮކިޔުމަންޓު އުސޫލުގެ ދަށުން ޕްރޮޖެކްޓުތައް ހަވާލުކުރުމުގައި އިކޮނޮމިކް ކައުންސިލުން ގެންގުޅޭ އުސޫލާ ހިލާފަށް ކަމަށް އަދަދު އަށް މައުލޫމާތު ލިބިއްޖެ އެވެ.
ހުޅުވާލާފައިވާ ބީލަމަކަށް ނުގޮސް، ސިންގަލް ސޯސް ޕްރޮކިޔުމަންޓު އުސޫލުގެ ދަށުން މަޝްރޫއުތައް ހަވާލުކުރުމުގައި އިކޮނޮމިކް ކައުންސިލުން އަމަލުކުރަން ޖެހޭ އުސޫލަކީ އާންމުކޮށް ފެންނަން އޮތް އުސޫލެއް ނޫނެވެ. ނަމަވެސް މި ނޫހަށް ވަނީ ސައްހަކަން ކަށަވަރުކުރެވިފައިވާ މި އުސޫލުގެ ދެލި ކޮޕީއެއް ލިބިފަ އެވެ.
އިކޮނޮމިކް ކައުންސިލުގެ މި އުސޫލަކީ މި އަހަރު އެކުލަވާލި އުސޫލެކެވެ. ބެލެވޭ ގޮތުގައި މި އުސޫލު އެކުލަވާލީ މާލިއްޔަތު ގަވާއިދު ބަދަލުކޮށް، ސިންގަލް ސޯސް އުސޫލުން ވަޒީރުންގެ މަޖިލީހުން ބޭނުން ބަޔަކަށް މަޝްރޫއުތައް ދެވޭނެ ގޮތަށް ހެދުމަށް ފަހުގަ އެވެ.