ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ދަރިވަރުންތަކެއް އިސްނަގައިގެން ފޯރަމެއް ބާއްވައިފި
އަދަދު
2 ޑިސެމްބަރު 2025 | އަންގާރަ | 11:52
މައުލޫމާތުގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދިނުމަށް ގައުމީ ޔުނިވާސިޓީގެ ބެޗްލާ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހުގެ ދަރިވަރުންތަކެއް އިސްނަގައިގެން ކުރިއަށްގެންދާ "ނޯ ކެޕް ޖަސްޓް ފެކްޓްސް" ކެމްޕެއިންގެ ދަށުން އިއްޔެ ބޮޑު ފޯރަމެއް ބާއްވައިފި އެވެ.
އެމްއެންޔޫގައި ކުރިއަށް ގެންދިޔަ ފޯރަމްގައި މާލޭގެ އެކި ސްކޫލުތަކާއި އެމްއެންޔޫގެ އެކި ކޯސްތަކުގެ ދަރިވަރުންނާއެކު 80 އެއްހާ ދަރިވަރުން ބައިވެރިވި އެވެ. ސްކޫލު ނިންމާ ދަރިވަރުންނާއި ކޮލެޖު/ޔުނިވާސިޓީތަކުގައި ކިޔަވަމުން އަންނަ ދަރިވަރުން ހޭލުންތެރިކުރުވުމަކީ މި ކެމްޕެއިނުގެ މައިގަނޑު މަގްސަދެވެ.
ފޯރަމްގެ ތެރެއިން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ދާއިރާގެ ހަތަރު ތަޖުރިބާކާރުން ވަނީ، ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ބައިވެރިންނަށް ކިޔައިދީފަ އެވެ.