މަހްލޫފް ސަފީރަކަށް އައްޔަން ކުރުމުން އައްބާސް ފާޑުވިދާޅުވެއްޖެ
އަދަދު
3 ޑިސެމްބަރު 2025 | ބުދަ | 9:31
ބައިނަލްއަގުވާމީ މުޖުތަމުގައި ރާއްޖެ ތަމްސީލުކުރާ މަގާމުތަކަށް، ހާއްސަކޮށް ސަފީރުންގެ ގޮތުގައި އައްޔަން ކުރަން ވާނީ ނަޒާހަތްތެރިން ކަމަށާއި ކޮންމެ ވެރިކަމެއްގައި ޕާޓީ ބަދަލުކުރާ "ބޯވަ ދިލަ މަހެއް ހެން ދުވާ ބޭފުޅުން" ނޫން ކަމަށް ރައްޔިތުންގެެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ވެރިކަމުގައި ކެބިނެޓު މިނިސްޓަރުކަން ކުރެއްވި އަހްމަދު މަހުލޫފް، ޖަޕާނަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަނުކުރަން މަޖިލީހުގެ ކޮމިޓީން ފާސްކުރި ރިޕޯޓަށް ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ، މަހްލޫފް ސަފީރަކަށް އައްޔަން ކުރުމަކީ "ސިކުނޑި ގަބޫލުކުރާ ކަމެއް ނޫން" ކަމަށެވެ.
"ގައުމުތަކަށް ދިވެހިރާއްޖެއިން ސަފީރުން ކަނޑައަޅުއްވަން ޖެހޭނެ. އެހެން ނަމަވެސް ކަނޑައަޅުއްވަން ޖެހޭނީ ނަޒާހާތްތެރި ބޭފުޅުން. އެއިރެއްގެ ވެރިކަމުގެ އާރާއި ބާރު އޮންނަ ފަރާތަކަށް ބޯވަދިލަމަހެއްހެން ދުވާ ބޭފުޅުން ގެނެސް ގައުމު ތަމްސީލުކުރަން ދުނިޔޭގެ ކުރިއަރާފަ ހުރި ގައުމުތަކުގެ މަލަމައްޗަށް، މޫނު މައްޗަށް ރާއްޖެ ރިޕްރެޒެންޓުކުރަން ބޭތިއްބުމަކީ އެއްގޮތަކަށް ވެސް ސިކުނޑި ގަބޫލުކުރާ ކަމެއް ނޫން،" އައްބާސް ވިދާޅުވި އެވެ.