ރައްޔިތުންގެ މަޖިލީހުގެ ވޯޓާއެކު ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒު މަގާމުން ވަކިކޮށްފި
އަދަދު
3 ޑިސެމްބަރު 2025 | ބުދަ | 11:43
ކްރިމިނަލް ކޯޓުގެ ގާޒީ، ހުސެއިން ފާއިޒް ރަޝާދު މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ފާސްކޮށް، އޭނާ މަގާމުން ވަކިކުރަން މަޖިލީހުން ނިންމައިފި އެވެ.
މިއަދުގެ ޖަލްސާގައި ފާއިޒު މަގާމުން ވަކިކުރުމާމެދު ނެގި ވޯޓުގައި އޭނާ ވަކިކުރަން ވޯޓު ދެއްވީ 56 މެންބަރުންނެވެ. ފާއިޒު މަގާމުން ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އަށް މެންބަރެކެވެ. މި ވޯޓާއެކު ފާއިޒު މަގާމުން ވަކިވާނެ އެވެ.
ފާއިޒު ވަކިކުރަން ޖޭއެސްސީން ނިންމީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު، 41، ބަންދުން ދޫކޮށްލަން އަމުރުކުރި މައްސަލައިގަ އެވެ.