މި އަހަރުގެ ފަހު ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް
އަދަދު
3 ޑިސެމްބަރު 2025 | ބުދަ | 12:20
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް ގޮސްފި އެވެ.
މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި، މަޖިލީހުން ޗުއްޓީއަށް ދާކަން އިއުލާނުކުރެއްވީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ޖަލްސާ ނިންމާލުމުގެ ކުރިން، މި ދައުރުގައި ކުރި މަސައްކަތްތަކުގެ ތަފުސީލުތައް އެމަނިކުފާނު ވަނީ ހިއްސާކުރައްވައިފަ އެވެ.
މިއަދު ނިންމާލި ދައުރުގައި ބޭއްވި 28 ޖަލްސާގައި ޖުމްލަ 64 ގަޑިއިރު ހޭދަކުރި އެވެ. އެ ޖަލްސާތަކުގައި 15 ބިލެއްގެ މަސައްކަތް ވަނީ ނިންމައިފަ އެވެ. އެ ބިލުތައް ދިރާސާ ކުރުމަށާއި އެހެން މަސައްކަތްތައް ކުރުމަށް މަޖިލީހުގެ ކޮމިޓީތަކުން 142 ބައްދަލުވުމެއް ބާއްވާ 120 ގަޑިއިރު ހޭދަކުރި އެވެ.