"ހުރިހާ ކަމެއް ހަމަޖެހިގެން" ބަހާލި ޕްރޮޖެކްޓުތަކަށް ބޭންކުން ފައިސާ ނުލިބިގެން ނުފެށިފައި
އަދަދު
4 ޑިސެމްބަރު 2025 | ބުރާސްފަތި | 10:01
މި ސަރުކާރާ ގުޅުން އޮންނަ ގިނަ ބަޔެއްގެ ކުންފުނިތައް ހިމެނޭ ގޮތަށް ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ބަހާލި 2.7 ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާ ބޭންކުން އަދިވެސް ހަމަނުޖެހޭތީ މަސައްކަތް ނުފެށޭ ކަމަށް ބައެއް ކޮންޓްރެކްޓަރުންގެ ފަރާތުން އަދަދު އަށް މައުލޫމާތު ލިބިއްޖެ އެވެ.
މި ޕްރޮޖެކްޓުތަކަކީ ކޮންޓްރެކްޓާ ފައިނޭންސް މޮޑެލްގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަގައިގެން، މަސައްކަތް ކުރުމަށް ފަހު، ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަވާލުކުރި މަޝްރޫއުތަކެކެވެ. އެ ގޮތުން މިދިޔަ މަހުގެ ހަ ވަނަ ދުވަހު "ރެކޯޑު ހަދަން" ބޭއްވި އިވެންޓެއްގައި، 123 ރަށެއްގައި ތަފާތު ބާވަތްތަކުގެ މަޝްރޫއުތައް ހިންގަން 53 ކުންފުންޏަކާ އެކީ ސޮއިކުރި އެވެ.
އަމިއްލަ ކުންފުނިތަކާ މަސައްކަތް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި، ރައީސް މުހައްމަދު މުއިއްޒު ވަނީ، މި ޕްރޮޖެކްޓުތައް ހަވާލުކުރީ ހުރިހާ ކަމެއް ހަމަޖެއްސުމަށް ފަހު ކަމަށް ވިދާޅުވެފަ އެވެ. އަދި، 21 ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި މަސައްކަތް ފެށިގެން ދާ މަންޒަރު ރައްޔިތުންނަށް ފެންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.