ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ގޭންގު ގާނޫނުގެ ދަށުން މީހަކު ބަންދުކޮށްފި
އަދަދު
7 ޑިސެމްބަރު 2025 | އާދިއްތަ | 7:00
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ގޭންގު ގާނޫނުގެ ދަށުން ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ގޭންގު ގާނޫނުގެ ދަށުން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ސަމީހު މުހައްމަދު، ތޯތާގެ، ކ. މާފުށި އެވެ. އޭނާ ބަންދުކުރީ ގޭންގު ގާނޫނުގެ 58 ވަނަ މާއްދާގެ ށ. އާ ހަވާލާދީ އެވެ. ސަމީހުއަކީ މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކުރުމުގެ ރިކޯޑު އޮތް މީހެއްކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
އޭނާގެ ބަންދު އަމުރުގެ އިތުރު ބަޔާނުގައި ބުނެފައި ވަނީ ސަމީހުއަކީ ތުހުމަތު ކުރެވޭ މައްސަލައިގައި އަމަލީގޮތުން ބައިވެރިވި މީހެއް ކަމަށާއި އެ ހާދިސާ ހިނގި ފަހުން އޭނާ އުޅެމުން ދިޔައީ ފިލައިގެން ކަމަށެވެ. އަދި، ސަމީހު ހައްޔަރުކުރުމަށް މީގެ ކުރިން ހަތް ފަހަރެއްގެ މަތިން ކޯޓު އަމުރު ހޯދި ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ.