ޓީޗަރެއްގެ ހިޔާލު؛ އައިވީއެފްއަށް އާސަންދަ ލިބޭ ޝަރުތުތައް ތާކުންތާކުނުޖެހޭ
އަދަދު
8 ޑިސެމްބަރު 2025 | ހޯމަ | 7:28
ދަރިމައިވުމާ ގުޅޭ ފަރުވާއެއް ކަމަށްވާ އައީވީއެފްގެ ފަރުވާ، އާސަންދަ ހެލްތު ސްކީމުގެ ދަށުން ހޯދުމަށް މި ސަރުކާރުން ކަނޑައެޅި ޝަރުތުތަކުގެ ތެރެގައި ތާކުންތާކު ނުޖެހޭ ޝަރުތުތަކެއް ހުރި ކަމަށް ބުނެ ރައްޔިތަކު ޝުއޫރު ފާޅުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަދައްކަމުން ހެންވޭރު ރައްޔިތެއް ކަމަށްވާ ހަދީޖާ ރިފްގާ، އޭނާއަކީ ޓީޗަރެއްކަން ފާހަގަ ކުރައްވައި ބުނީ އައިވީއެފްގެ ފަރުވާއަށް އާސަންދަ ލިބޭ ގޮތަށް މި ސަރުކާރުން ހަދަން ނިންމުމުން ވަރަށް އުފާވި ކަމަށެވެ. ނަމަވެސް، އައިވީއެފްގެ ފަރުވާ އާސަންދައިގެ ދަށުން ލިބޭ މީހުންގެ ހުންނަންޖެހޭ ކަމަށް ކަނޑައެޅި ޝަރުތުތަކުގެ ތެރޭގައި ތާކުންތާކު ނުޖެހޭ ޝަރުތުތައް ހުރިކަމަށް އޭނާ ބުންޏެވެ.
އެގޮތުން، ފިރިމީހާގެ ކުރީގެ ކައިވެންޏަށް ދަރިޔަކު ލިބިފައި ހުއްޓަސް މިހާރުގެ އަނބިމީހާގެ ޝަރުތު ހަމަނުވާކަމަށް ރިފްގާ ބުންޏެވެ. އަދި، އާސަންދައިގެ ދަށުން އައިވީއެފްގެ ފަރުވާ ހޯދާ މީހުންގެ ވަކި ބަރުދަނެއް ހުންނަންޖެހޭ ގޮތަށް އުސޫލު އެކުލަވާލައިފައި އޮތުމަކީ ވެސް ވަރަށް ދެރަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.