ޣަފޫރު އެދުނީ ރިޔާސީ ރޭހަށް ޝައުގުވެރިވާ ކެންޑިޑޭޓުން ވެސް އެމްޑީޕީ އިސްކުރަން
އަދަދު
9 ޑިސެމްބަރު 2025 | އަންގާރަ | 1:11
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭފުޅުން ވެސް ޕާޓީގެ އުސޫލުތަކާ އެއްގޮތަށް ޕާޓީ އިސްކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ގޮވާލައްވައިފި އެވެ.
އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒު އިސްމާއީލް އިސްތިއުފާ ދިނުމާ ގުޅިގެން ވަގުތީ ޗެއާޕަސަންގެ މަގާމަށް ޣަފޫރު އިންތިހާބު ކުރީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވުމަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޣަފޫރު ވަނީ އެމްޑީޕީއަކީ ހިޔާލު ތަފާތުވުންތަކާއެކު ކުރިއަށްދާނެ ޕާޓީއެއް ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން މި ތިބީ ޕާޓީގެ މުސްތަގުބަލަށްޓަކައި ޕާޓީއަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށްޓަކައި. ވާހަކަ ނުދެއްކޭނެ އެއްވެސް ބޭފުޅަކު ޕާޓީގައި ނެތް. އަޅުގަނޑުމެން އިށީންނާނަން، ވާހަކަ ދައްކާނަން. އެކަން ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރާނަން،" ޣަފޫރު ވިދާޅުވި އެވެ.