މެންބަރު މައުރޫފް ފަސް ދުވަހަށް ބަންދުކޮށްފި
އަދަދު
12 ޑިސެމްބަރު 2025 | ހުކުރު | 7:06
ބޮޑު ކަންނެލި މަސްވެރިންގެ ކުރަމުން ދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު އަމުރުކޮށްފި އެވެ.
މަސްވެރިންގެ ދުވަހުން ފެށިގެން، ބޮޑު ކަންނެލި މަސްވެރިން ކުރަމުން ދިޔަ މުޒާހަރާ ރުޅާލައި މަޓޭ އާއި ދެ ކެޔޮޅަކާއި ހަތަރު ބިދޭސީއަކު ހައްޔަރު ކުރި އެވެ. މިހާތަނަށް މުއްދަތު ޖެހިކަން ކަށަވަރުވީ މަޓޭ އާއި މި އެއް ކެޔޮޅަކަށެވެ.
މަޓޭ ބަންދުކުރަން ކޯޓުން އަމުރުކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓިން ވަނީ އޭނާ ބަންދުކުރި މައްސަލަ ބަލަން ނިންމާފަ އެވެ. އަދި، މަޓޭ ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) އަށް ވެސް މައްސަލަ ހުށަހަޅާފަ އެވެ.