ހަތް މިލިއަން ނުދެއްކުނީ މާލީ ހާލަތު ގޯސް ކަމުން ކަމަށް އާރުޑީސީން ކޯޓުގައި ބުނެފި
އަދަދު
15 ޑިސެމްބަރު 2025 | ހޯމަ | 7:51
ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ ދެކޮޅަށް އަމިއްލަ ކުންފުންޏަކުން ކޯޓަށް ހުށަހެޅި މައްސަލައެއްގައި ޖަވާބުދާރި ވަމުން، އެ ފައިސާ ނުދެއްކި ވަނީ ކުންފުނީގެ މާލީ ހާލަތު ގޯސް ކަމުން ކަމަށް އާރުޑީސީން ކޯޓުގައި ބުނެފި އެވެ.
އާރުޑީސީން މިހެން ބުނީ ކާޓިއުންސް ކުންފުނިން ފޯރުކޮށްދިން މުދަލާއި ހިދުމަތުގެ އަގަށްވާ 7.1 މިލިއަން ރުފިޔާގެ މައްސަލައެއްގައި އެއީ ދައްކަން ޖެހޭ ފައިސާ ކަމަށް އެއްބަސްވަމުންނެވެ.
މި މައްސަލައިގައި ކާޓިއުންސްއިން ވަނީ އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ އިތުރުން އެ ފައިސާ ދައްކަމުން ނުދާތީ ނޮމިނަލް ޑެމޭޖަސް (ގެއްލުމުގެ ބަދަލު) ގެ ގޮތުގައި އެއް މިލިއަން ރުފިޔާ އާއި ވަކީލު ހަރަދުގެ ގޮތުގައި 30،000ރ. ނަގައިދޭން ވެސް އެދިފަ އެވެ.